ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރ (ސީއެސްއޯސީ) ގެ ޤާބިލުކަން އިތުރުކުރުމަށާއި، ފުލުހުންގެ އާންމު ޤާބިލުކަން ދެމެހެއްޓުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެހީތެރިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޝްވަރާކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޔޫއޭއީ ސަރުކާރުގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ޑޮކްޓަރ މުޙައްމަދު އަލް ކުވައިތީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އިސްކަންދަރު ބިލްޑިންގްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެފަރާތުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޔޫއޭއީގެ އެހީތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއިން ފުލުހުންގެ ތަޙުޤީޤީ އަދި އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ދެފަރާތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި ފުލުހުންނަށް ބޭނުންވާ ޚާއްޞަ ތަމްރީނުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ވާހަކައްކަވާފައިވެއެވެ.
މި މަޝްވަރާތަކުގެ ތެރެއިން މައިގަނޑު އެއް ބަޔަކަށް ވެގެންދިޔައީ ވިދިވިދިގެން އަންނަ ސައިބަރ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، ފާއިތުވި އަހަރުގެ އޮގަސްޓު މަހު ޤާއިމުކުރެވުނު ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރުގެ ސައިބަރ ސެކިއުރިޓީ ޤާބިލުކަން އިތުރަށް ވަރުގަދަކުރުމެވެ.



