މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހާލުގައި ޖެހުނު ހަތަރު މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ހ. ފަހިވަހި ގޭގެ 7 ވަނަ ފަންގިފިލާގައި ހުންނަ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. މި ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓުގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާތީ، އެތަނުގައި ދިރިއުޅެމުންދިޔަ ތިން އަންހެނުންނާއި ފިރިހެނަކަށް އެންޑީއެމްއޭއިން ވަނީ ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ހަމަޖައްސައިދީފައެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. މީގެ އިތުރުން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އަލިފާން ރޯވި ވަގުތު އެ އިމާރާތުގެ އެކި ފަންގިފިލާތަކަށް ދުން އަރާފައިވީ ނަމަވެސް، އިމާރާތަށް ދާއިމީ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ދުމުގެ އަސަރުކުރި ފަންގިފިލާތަކުގައި ދުމުގެ އަސަރު މިހާރު ނެތް ކަމަށް އެންޑީއެމްއޭ އިން ވަނީ ކަށަވަރުކޮށްދީފައެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.



