މާލެ ކައިރިން ލޯންޗެއްގައި ޖެހި އެކްސިޑެންޓްވުމަށްފަހު ފިލި ދޯނި މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ފުލުހުން ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.
ފުލުހުން ބުނީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު މާލެ ކައިރިން ‘ލީޖާން 1’ ނަމަކަށް ކިޔާ ލޯންޗެއްގައި ޖެހި ފިލި ދޯނި ފެނިފައިވަނީ ހޮނިހިރު ދުވަހު ހުޅުމާލޭ ފަޅުތެރެއިން ކަމަށެވެ. އެއާއެކު ފުލުހުން ވަނީ އެ ދޯންޏަށް އަރައި ބަލައި ފާސްކޮށްފައެވެ.
މި އެކްސިޑެންޓުގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އޭގެން ދަތުރުކުރި ފަސް ފަސިންޖަރަކަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ހަތަރު ބިދޭސީންނެވެ.
ފުލުހުން ވަނީ އެ ދޯނީގެ ކެޕްޓަނާ ސުވާލުކޮށް، އޭނާގެ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައެވެ. އަދި މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



