ފްރާންސާއި ސައުދީ އަރަބިއްޔާއާ ދެމެދު އިގްތިސާދީ، ދިފާއީ އަދި ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރުމުގެ ގޮތުން، ޕެރިސް ކައިރީގައި 7 ބިލިއަން ޑޮލަރުގެ މުނިފޫހިފިލުވާ ތީމް ޕާކު ކޮމްޕްލެކްސެއް ތަރައްގީކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަށް އައިސްފައިވަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އާއި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބޭއްވެވި މަޝްވަރާތަކަށް ފަހުގައެވެ.
ހޯމަ ދުވަހު އިއުލާނުކުރި މި މަޝްރޫއުގެ ދަށުން ޕެރިހުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ ސާޖީ-ޕޮންޓުއާޒް ކައިރީގައި ތިން ތީމް ޕާކެއް ތަރައްގީ ކުރެވޭނެއެވެ. މީގެ ތެރެއިން އެއް ޕާކަކީ މަޝްހޫރު ‘ޑްރެގަން ބޯލް ޒީ’ ފަދަ މަންގާ ކޮންސެޕްޓްތަކަށް ހާއްސަކޮށްގެން ހަދާ ޕާކެއް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ސައުދީގެ ސޮވްރިން ވެލްތު ފަންޑުގެ ދަށުން ހިންގާ “ގިއްދިޔާ” އިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން ގާތްގަނޑަކަށް 22,000 ވަޒީފާ އުފެދިގެންދާނެ ކަމަށް ބެލެވެއެވެ. މެކްރޯން ވަނީ މިއީ ޑިޒްނީލޭންޑް ޕެރިސް ފަދަ ދުނިޔޭގެ ފެންވަރުގެ އާ މަންޒިލަކަށް ވެގެންދާނެ މަޝްރޫއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ތީމް ޕާކުގެ އެއްބަސްވުމުގެ އިތުރުން ހަކަތަ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އޭވިއޭޝަން ފައިނޭންސިން، ދަތުރުފަތުރު އަދި ސިއްހީ ދާއިރާއިން ވެސް ގިނަ އެއްބަސްވުންތަކެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ސައިބާ ސެކިއުރިޓީ، އޭއައި އަދި އަސްކަރީ ތަމްރީނުތައް ހިމެނޭ ގޮތަށް ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ފްރާންސްގެ ސީއެމްއޭ ސީޖީއެމް އިން 434 މިލިއަން ޑޮލަރުގެ ޑީލެއް އަދި އަލްސްޓޮމް އިން 580 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް ސައުދީގައި ހިންގުމަށް ވަކިވަކިން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ. އަދި ދެ ލީޑަރުން ވަނީ ސަރަހައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެމެރިކާ-އީރާން ހަމަނުޖެހުން ނިމުމަކަށް ގެނައުމަށާއި، ހޮރުމުޒް ކަނޑުއޮޅިން އާންމު ދަތުރުފަތުރު ކުރިއަށް ގެންދިއުމަށާއި، ޣައްޒާގައި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށާއި ސޫރިޔާގެ ހަމަޖެހުމަށް އޮތް ތާއީދު ވެސް ދެބޭފުޅުން ވަނީ ތަކުރާރު ކުރައްވާފައެވެ.



