ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ހޮސްޕިޓަލުގެ ގައިނަކޮލޮޖީ ވޯޑުގައި ބުދަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އަލަށް އުފަންވި މަދުވެގެން 15 ކުދިން މަރުވެއްޖެއެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ އެ ޤައުމުގެ މީޑިއާތަކާއި ރެސްކިއު ޓީމުތަކުންނެވެ.
ޕިމްސް ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އަލިފާން ރޯވި ވަގުތު އެ ހޮސްޕިޓަލުގެ ނާސަރީގައި އަލަށް އުފަންވި 16 ކުދިން ތިއްބެވެ. އަދި މި ހާދިސާގައި ސަލާމަތްކުރެވުނީ އެންމެ ތުއްތު ކުއްޖެކެވެ.
އެ ސަރަހައްދުގެ ރިޕޯޓްތައް ބުނާ ގޮތުގައި، އަލިފާން ރޯވާން މެދުވެރިވީ ނާސަރީގެ ތެރޭގައި ހުރި އެއާކޮންޑިޝަނަރެއްގެ ކޮމްޕްރެސަރު ގޮވައިގެންނެވެ. ނަމަވެސް، ޕިމްސްގެ އޮފިޝަލުންގެ ފުރަތަމަ ރިޕޯޓްތަކުގައި ބަޔާންކޮށްފައިވަނީ ކަރަންޓު ޝޯޓް ސާކިޓެއްގެ ސަބަބުން އަލިފާން ރޯވި ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ހާދިސާ ހިނގުމާއެކު ރެސްކިއު ޓީމުތަކުން ވަގުތުން ހަރަކާތްތެރިވެ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި އަލިފާން ނިއްވާލުމަށްފަހު، ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދު ފިނިކުރުމުގެ މަސައްކަތް (ކޫލިންގ އޮޕަރޭޝަން) ކުރިއަށް ގެންގޮސްފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ކުދިން މަރުވާން މެދުވެރިވި ހާލަތްތައް ކަމާބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ. އަދި މި ހާދިސާގެ ސަބަބުން އެ ހޮސްޕިޓަލުގެ ތުއްތު ކުދިންނަށް ފަރުވާދޭ ވަސީލަތްތަކުގެ ރައްކާތެރިކަމާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.



