މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކަށް 21 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މި އައު އަގު ހަމަޖައްސާފައިވަނީ އެ ކުންފުނީގެ ފެސިލިޓީތަކަށާއި ދޯނިފަހަރުން ގަންނަ މަހަށެވެ.
މިފްކޯއިން ބުނި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ މަސްވެރިކަމުގެ ސިނާއަތުގެ ސަޕްލައި އަދި ޑިމާންޑަށް ރިއާޔަތްކުރުމަށްފަހު، މަސްވެރިންނަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި އާމްދަނީއެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.
ކިލޯއެއް 21 ރުފިޔާގެ މަގުން މަސް ގަންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ)، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ޖެޓީގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކަލަމިންޖާ-401 ބޯޓުތަކުންނެވެ.
މިފްކޯއިން މަސް ގަންނަ އަގުތައް ކޮންމެ ދުވަހަކު މުރާޖަޢާކޮށް ކަނޑައަޅަމުންދާއިރު، ޖޫން މަހުގެ މެދުތެރެއިން ފެށިގެން އެ ކުންފުނިން ކަޅުބިލަމަސް ގަންނަމުން އައީ ކިލޯއެއް 20 ރުފިޔާއަށެވެ. އެ އަގު އެތައް ހަފްތާއެއް ވަންދެން ވަނީ ދަމަހައްޓާފައެވެ.
ސަރުކާރުގެ މިހާރުގެ އަމާޒަކީ މަސް ގަންނަ އަގު 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގައި ބެހެއްޓުމެވެ.



