ފުވައްމުލަކުގައި ކާރެއްގެ ވެރިފަރާތަށް އަނިޔާކޮށް، ބިރުދައްކައި އެ މީހާގެ އަތުން ކާރު ފޭރިގަނެގެން ދުއްވާފައި ގޮސް ސައިކަލަކާއި، އެހެން ކާރެއްގެ އިތުރުން ރުކެއްގައި ޖައްސައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގި މައްސަލައެއް ފުލުހުން ބަލަންފަށައިފިއެެވެ.
ފުލުހުން ބުނީ ރޭ އިރުއޮއްސި 6:22 އެހައިކަންހާއިރު، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖައްސާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކާރު ދުއްވި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭކަމަށާއި އެގޮތުން މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށް ފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ތަހުގީގަށް އެނގިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ އިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



