ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަރަކާތްތައް ފެށުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހެނދުނު މުޅި ރާއްޖޭގައި އެއްބައިވަންތަކަމުގެ ހިނގާލުމެއް ބާއްވައިފިއެވެ. މާލޭގައި މި ހިނގާލުން ފަށާފައިވަނީ ޖުމްހޫރީ މައިދާނުންނެވެ.
މި ހަރަކާތް ފަށާފައިވަނީ ފުލުހުންގެ ރަސްމީ އަޒުމު ކިޔުމަށްފަހުގައެވެ. ހިނގާލުމުގެ ބައިވެރިން ޖުމްހޫރީ މައިދާނުން ފެށިގެން މާލޭގެ މަގުތަކުގައި ހިނގުމަށްފަހު، ހިނގާލުން ނިންމާލާފައިވަނީ އަލުން ޖުމްހޫރީ މައިދާނަށެވެ.
މި ހިނގާލުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ގްރޭޓަރ މާލެ ސަރަޙައްދާއި އަތޮޅުތަކުގައި ކުރިއަށްދިޔަ މި ހިނގާލުމުގައި ފުލުހުންގެ އެކި ޑައިރެކްޓަރޭޓްތަކުންނާއި ސިވިލިއަން މުވައްޒަފުން ހިމެނޭހެން 1،200 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި މި ހަރަކާތަކީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ އަދި ރާއްޖޭގެ ފުލުހުންގެ ދިގު ތާރީޚާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފުލުހުން ވެފައިވާ ޤުރުބާނީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ.
ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި އިތުރު އާންމު ހަރަކާތްތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހަވީރުތަކާއި، އާއިލީ ބައްދަލުވުންތަކުގެ އިތުރުން ކުޅިވަރު މުބާރާތްތައް ހިމެނެއެވެ.
މީގެއިތުރުން، ރާއްޖޭގެ ފަންނާނުންނާއި ސަގާފީ ގްރޫޕްތަކުގެ ހުށަހެޅުންތަކާއެކު، މާލޭގެ ސޯޝަލް ސެންޓަރުގައި ‘ބްލޫސް ފެމިލީ ނައިޓް’ ގެ ނަމުގައި ޚާއްޞަ އިވެންޓެއް ބޭއްވުމަށްވެސް ފުލުހުން ވަނީ ނިންމާފައެވެ.



