ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ 07:30 އިން 11:30 އަށެވެ. މެޓުން ވިދާޅުވީ ބޯކޮށް ވާރޭވެހި، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިމަހުގެ 11،12 އަދި 13ވަނަ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅަނގުމޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖެ ސަރަޙައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.
މިއަދު މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ކުރަމުންނެވެ.



