ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅިގެން، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ ‘އެކްސް’ ގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާ ފަޚުރަކާއި ޝަރަފެއް ކަމަށެވެ.
އަދި މި މަތިވެރި ނިއުމަތް ދިވެހި ގައުމަށް މިންވަރުކުރެއްވި ކަމަށްޓަކައި މާތް ﷲ ގެ ހަޟްރަތަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، މި ތާރީޚީ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވަމުން، ދިވެހިރާއްޖެ އަބަދުމެ އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެ ބެހެއްޓެވުން އެދި އެކަމަނާ ދުއާ ދެންނެވިއެވެ.
ދިވެހިރާއްޖެ އިސްލާމްވެފައިވަނީ ހިޖުރައިން 548 ވަނަ އަހަރު، މީލާދީ ގޮތުން 1153 ގައެވެ. ރާއްޖޭގެ ރަސްގެފާނު އިސްލާމްދީން ގަބޫލުކުރެއްވުމާ ގުޅިގެންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރެއްވި ރަސްކަލަކީ ދަރުމަވަންތަ ރަސްގެފާނު ނުވަތަ ދޯވެމި ކަލަމިންޖާގެ ނަންފުޅުން މަޝްހޫރުވެފައިވާ ސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ އެވެ.
ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ގެނެސްދެއްވީ މަޣުރިބު ކަރައިގެ އިލްމުވެރިއެއް ކަމުގައިވާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. އިސްލާމްދީން އައުމަކީ ރާއްޖޭގެ ތާރީޚުގައި އައި އެންމެ ބޮޑު ބަދަލެވެ. އަދި ވޭތުވެދިޔަ ގަރުނުތަކުގައި ދިވެހި މުޖުތަމައާއި، ސަގާފަތާއި، ގާނޫނުތަކާއި އާދަކާދަތައް ބައްޓަންވެގެން ދިޔައީ އިސްލާމީ އުސޫލުތަކުގެ މައްޗަށެވެ.



