ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަ ނައިބު ރައީސުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބުވެވަޑައިގެންނެވި ބޭފުޅަކަށް ޒުވާނުންނާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވެވަޑައިގެންފިއެވެ. މިހާރު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގައި ވަޒީރު ރާފިޢު ވަނީ 968 ވޯޓު ކާމިޔާބު ކުރައްވާފައެވެ.
މި އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ 964 ވޯޓާއެކު މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މީގެ އިތުރުން ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ 923 ވޯޓު ހޯއްދެވިއިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވަނީ 862 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އަދި އިޤްތިޞާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު 833 ވޯޓު އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) 780 ވޯޓު ހޯއްދަވައިގެން ވަނީ ނައިބު ރައީސްކަމުގެ މަޤާމުތައް ކަށަވަރު ކުރައްވާފައެވެ.
ކޮންގްރެސްގައި ނައިބު ރައީސްކަމުގެ ހަ މަޤާމަށް ޖުމްލަ އަށް ބޭފުޅުން ވާދަކުރެއްވިއެވެ. އިންތިޚާބުގައި ނާކާމިޔާބުވި ދެ ބޭފުޅުންނަކީ 301 ވޯޓު ލިބިވަޑައިގެންނެވި އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް އަދި 288 ވޯޓު ލިބިވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.
މި އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މަންދޫބުންގެ ފޯނުގައި އަޅާފައިވާ ޚާއްޞަ އެޕްލިކޭޝަނެއް މެދުވެރިކޮށް އިލެކްޓްރޯނިކް ކޮށެވެ. އަދި ވޯޓުލުމަށް މަންދޫބުންނަށް ދެވިފައިވަނީ ހަތް މިނެޓުގެ ވަގުތެކެވެ.
ޕީއެންސީގެ އަސާސީ ޤަވާއިދު ބަޔާންކުރާ ގޮތުގައި، ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކީ ވެސް ޕާޓީގެ ނައިބު ރައީސުންނެވެ. އެހެންކަމުން، އަލަށް އިންތިޚާބުވި ހަ ބޭފުޅުންނާއެކު އެ ޕާޓީގައި ޖުމްލަ އަށް ނައިބު ރައީސުން ތިއްބަވާނެއެވެ.
މާލެއާއި އެކި ރަށްރަށުން 1،300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންގްރެސް ސެޕްޓެމްބަރު 15 ގައި ފަށާފައިވާއިރު، ނިންމުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 18 ގައެވެ. މި ކޮންގްރެސްގެ ތެރެއިން ޕާޓީގެ އެހެނިހެން މަޤާމުތަކަށާއި، މެންބަރުންގެ މަޖިލީހުގެ ގޮނޑިތަކަށް ވެސް މެންބަރުން އިންތިޚާބު ކުރުމުގެ ވޯޓުލުން ދަނީ ކުރިއަށް ގެންދަމުންނެވެ.



