މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 62 އަހަރުގެ, ޅ. ކުރެންދޫ، މާޖެހިގޭ, މުޙައްމަދު އަފީފް ، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިތަމާ ހިނގުމާއި ދުންބުރިގަސް މަގު ގުޅޭ ހަތަރުއަނގޮޅި ކަންމަތީގައެވެ. އަފީފް ދުއްވި ސައިކަލު ކާރެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި އޭނާގެ އިތުރުން، ސައިކަލުގައި އިން ޚާއްޞަ އެހީއަށް ބޭނުންވާ 24 އަހަރުގެ ފިރިހެން ދަރިފުޅަށްވެސް ވަނީ އަނިޔާވެފައެވެ.
އެކްސިޑެންޓަށްފަހު ދެބަފައިންނަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް، އަފީފްގެ ޙާލަތު ސީރިއަސްވުމާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް، ސިކުނޑިއަށް ލިބުނު އަނިޔާތަކަށް އޮޕަރޭޝަނެއް ކޮށްފައިވެއެވެ. އަދި އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދިޔައިރު، ޑަޔަލިސިސް ހަދަމުންދިޔަ އަފީފްގެ ޙާލަތު އިތުރަށް ގޯސްވީ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުންނެވެ.
ނިޔާވި އަފީފަކީ ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ދިވެހި މާއްދާގެ ތަޖުރިބާކާރު މުދައްރިސެކެވެ. އެގޮތުން ކުރީގެ އެމްއީއެސް، އީޕީއެސް، އަމީނިއްޔާ ސްކޫލް، ޣާޒީ ސްކޫލް އަދި އާލިޔާ ސްކޫލްގައި އޭނާ ވަނީ ދިވެހި ބަސް ކިޔަވައިދެއްވާފައެވެ.
އަފީފް ނިޔާވުމާ ހަމައަށްވެސް ގޭގައި ޕްރައިވެޓް ޓިއުޝަން ނަގައިދީގެން ގިނަ އަދަދެއްގެ ކުދިންނަށް ދިވެހި ބަސް ކިޔަވައިދިނުމުގައި ދެމިހުންނެވިއެވެ.



