މަސްތުވާތަކެއްޗާ ގުޅުންހުރި ތިން މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ ބަނގުރަލާއި އެއާ ގުޅުންހުރި އެހެނިހެން ތަކެތި ދޫނިދޫގައި ނައްތާލައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތި ނައްތާލާފައިވަނީ މި ހިނގާ އޮކްޓޫބަރު 5 ގައެވެ. މިގޮތުން ނައްތާލި ތަކެތީގެ ތެރޭގައި 500 މިލިލީޓަރުގެ 2،547 ފުޅި ބަނގުރަލާއި، 5 ލީޓަރުގެ 23 ފުޅި ބަނގުރާ ހިމެނެއެވެ. މީގެ އިތުރުން ޕްލާސްޓިކް މަތިގަނޑު ހިމެނޭހެން އެހެނިހެން ނުވަ އައިޓަމެއް ވެސް ވަނީ ނައްތާލާފައެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ތަކެއްޗަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދިޔަ މައްސަލަތަކެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެއްޗެވެ.
މި ތަކެތި ނައްތާލާފައިވަނީ މަސްތުވާތަކެއްޗާއި އެހެނިހެން ކުށްތަކާ ގުޅިގެން ހިފަހައްޓާ ތަކެތި ނައްތާލުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. އަދި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.



