ހުޅުމާލެ ފޭސް 1 ގައި ނުރައްކާތެރިކޮށް، ސައިކަލުގެ ކުރީ ފުރޮޅު ނަގައިގެން (ވީލީ އަޅުވައިގެން) ދުއްވި 20 އަހަރުގެ ޒުވާނަކު ފުލުހުން ޖޫރިމަނާކޮށް، އޭނާ ދުއްވި ސައިކަލު ޓޯކޮށްފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ 10:30 ހާއިރު ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 1 ގެ ކިނބިގަސް މަގުން ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ޓީމަކަށް ފްލެޓް 12 ކައިރިން އެ ސައިކަލު ދުއްވިތަން ވަނީ ފެނިފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ ޒުވާނާ ސައިކަލު ދުއްވާފައިވަނީ ކިނބިގަސް މަގުން އުތުރަށް ވާ ގޮތަށް ސައިކަލުގެ ކުރީ ފުރޮޅު މައްޗަށް ނަގައިގެންނެވެ. ފުލުހުން ވަނީ ވަގުތުން އޭނާ ހުއްޓުވައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އޭނާ ޖޫރިމަނާކޮށް، ދުއްވި ސައިކަލު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައްޔާއި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން، އެންމެހައި ދުއްވާ ފަރާތްތަކުންވެސް ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އާންމު މަގުތަކުގައި ނުރައްކާތެރި ހަރަކާތްތައް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



