ޕާކިސްތާނުގެ ހުޅަނގު އުތުރު ޕެޝާވަރުގައި ހިންގާ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި، 34 ކުދިންނާއި އަންހެން ޓީޗަރަކާއެކު ޖުމްލަ 35 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި އިތުރު 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސަރަޙައްދުގެ އޮފިޝަލުންނާއި ހޮސްޕިޓަލްތަކުން މަޢުލޫމާތު ދެއެވެ.
ބުރާސްފަތި ދުވަހު މި ހާދިސާ ހިނގާފައިވަނީ ޕެޝާވަރުގެ ދީރް ކޮލޮނީގައި ހުންނަ “އަލްޚައިރު އެޑިއުކޭޝަން ސެންޓަރ” ގައި ކުދިން ކްލާސްތަކުގައި ކިޔަވަން ތިއްބައެވެ. މި ހާދިސާގައި މަރުވި އަދި އަނިޔާވި ކުދިންގެ އުމުރަކީ 6 އަހަރާއި 12 އަހަރާ ދެމެދެވެ. ފުރާޅު ވެއްޓުމާއެކު ދަގަނޑާއި ގަލުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމަށް ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވާ 100 އެއްހާ މީހުންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ސަލާމަތްކުރާ ފަރާތްތަކުން ބުނިގޮތުގައި ކުނިބުނީގެ ދަށުގައި ތާށިވި ހުރިހާ ކުދިން މިހާރު ވަނީ ނެރެވިފައެވެ.
ޕެޝާވަރުގެ ފުލުހުން ބުނިގޮތުގައި އެ ސްކޫލް އިމާރާތަކީ އޮނިގަނޑު ދެރަކޮށް ހަދާފައިވާ ތަނެކެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ ވެރިމީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ވެރިމީހާ ބުނެފައިވަނީ ފުރާޅު ބަލިކަށިވީ ފަހަކަށް އައިސް ވެހުނު ބޯ ވާރޭގެ ސަބަބުން ކަމަށެވެ. ނަމަވެސް އިމާރާތް ކުރުމުގައި ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްފައިވޭތޯ އާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކޮށްފައިވޭތޯ ބެލުމަށް އިދާރާތަކުން ދަނީ ތަހުގީގެއް ހިންގަމުންނެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގެ ސަރުކާރުން ވަނީ އަމިއްލަ ހުރިހާ ސްކޫލް އިމާރާތްތަކެއް ވަގުތުން ބަލައި ފާސްކުރުމަށް އަންގާފައެވެ. އަދި ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ނުރައްކާވެދާނެ އިމާރާތްތައް ދެނެގަތުމަށް ޚާއްޞަ ކޮމިޓީތަކެއް އެކުލަވާލާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ފެންވަރު ދަށްކޮށް އިމާރާތްކުރުމުގެ ސަބަބުން ތަންތަން ވެއްޓުމުގެ ހާދިސާތައް ޕާކިސްތާނުގައި ގިނައިރު، މި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ސްކޫލްތަކުގެ ރައްކާތެރިކަމާމެދު ވަނީ ކަންބޮޑުވުން އިތުރުވެފައެވެ. މިއަހަރުގެ ޖޫން މަހުވެސް ލާހޯރުގެ ސްކޫލެއްގެ ފުރާޅު ވެއްޓި ކުދިންތަކެއް ވަނީ މަރުވެފައެވެ. ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.



