އއ. ރަސްދޫގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އޭގެ ވިޔަފާރިކުރުމުގެ އިތުރުން ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ޕޮލިސް ގުޅިގެން 17 އޮކްޓޫބަރުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ރަސްދޫގެ 10 ގެއެއް ބަލައިފާސްކޮށްފައިވާއިރު، މަސްތުވާތަކެތި ބޭނުންކުރުމަށާއި ބަނގުރާ ކެއްކުމަށް ނުވަތަ އުފެއްދުމަށް ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ އެކި މުއްދަތުތަކަށް ބަންދު އަމުރު ދީފައެވެ. އެގޮތުން އިބްރާހީމް ދިނާން، ރިމާޒް މުޙައްމަދު، ޢަލީ ވަސީމް އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މެހެދީ ޙަސަންގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިފައެވެ.
މީގެ އިތުރުން މުޙައްމަދު އުލްވާން ރަޝީދު، އަޙްމަދު ޢާރިފް އަދި އަޙްމަދު މުޙައްމަދު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އަޙްމަދު އިކްލީލްގެ ބަންދަށް ވަނީ 7 ދުވަސް ޖަހައިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 23 އަހަރުގެ އަންހެނަކުވެސް ހިމެނެއެވެ. އެއީ ހދ. ކުމުންދޫ، ލީނާ މޫސާއެވެ. އޭނާގެ ބަންދަށް ކޯޓުން ދީފައިވަނީ 3 ދުވަހުގެ މުއްދަތެކެވެ. ދެން ހިމެނޭ މީހުންނަކީ ރަސްދޫ އަދި ތޮއްޑޫއަށް ނިސްބަތްވާ މީހުންނާއި ބަންގްލަދޭޝް މީހެކެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަތް ތަކެތީގެ ތަފްޞީލާއި މިންވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.



