ކ. މާފުށީގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 23 އަހަރުގެ ދިވެހި ޒުވާނަކު، 42 ފުޅި ބަނގުރަލާއެކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ ނަބީހު ޢަބްދުއްރަޝީދު (23އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ހުކުރު ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ މާފުށީގައި ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު، އެ ގެއިން 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާއަކީ މާފުށީގެ އެކި ސަރަޙައްދުތަކުގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ މީހެކެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 8 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.



