ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުން ދެންނެވި ޚާއްޞަ އަދި ހޫނު މަރުޙަބާއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރި ޝުކުރު އަދާކުރައްވައިފިއެވެ.
އަނބިކަނބަލުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ރޭ ވަޑައިގެން، ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ އެ ޤައުމަށް އެމަނިކުފާނު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކަމަށާއި، މި ދަތުރުފުޅުގައި އިސްލާމްއާބާދަށް ވަޑައިގެންނެވުމުން ލިބިވަޑައިގަތީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެ ދެކަނބަލުންނަށް އެ ޤައުމުން އެރުވި ރަސްމީ، ހޫނު މަރުޙަބާ ވަރަށް ބޮޑަށް ބަލައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށާއި، ދެ ޤައުމުގެ އުންމީދުތައް ޙާޞިލުކުރުމަށްޓަކައި ކުރިއަށްދާނެ ނަތީޖާ ނެރެދެނިވި ބައްދަލުވުންތަކަކަށް އުންމީދުކުރައްވާ ކަމަށެވެ.
އިސްލާމްއާބާދު އެއާޕޯޓަށް ރޭ ރައީސްގެ ދެކަނބަލުން ފައިބައިވަޑައިގަތުމުން ރަތްދޫލައިގެ މަރުޙަބާއަކާއެކު ޝަރަފުގެ ގާޑަކާއި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އެއާޕޯޓުން ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންނެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހިމެނޭހެން ދިވެހި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވާ މި ދަތުރުފުޅަކީ ފާއިތުވި 11 އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.



