ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވިއްސާރަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ހެނދުނު ނެރުނު މޫސުމާ ބެހޭ ބަޔާނެއްގައި ބުނެފައިވަނީ، ނޮވެމްބަރު 7 އިން 11 ގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
މެޓް އޮފީހުގެ ‘ވެދާ ރިސާޗް އެންޑް ފޯކާސްޓިންގ’ (ޑަބްލިއުއާރްއެފް) މޮޑެލްގެ ވާރޭވެހޭނެ ކަމަށް ލަފާކުރާ ޗާޓުތަކުން ދައްކާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އެކި މިންވަރަށް ވާރޭވެހޭނެއެވެ.
މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



