ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތަކަށް އެ ކުދިންގެ ޒާތީ މަޢުލޫމާތާއި، ފޮޓޯ އަދި ވަނަވަރު ހާމަނުކުރުމަށް މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ސޯޝަލް ވެލްފެއާއިން އިލްތިމާސްކޮށްފިއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ފަދަ މަޢުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޢާއިލާއާއި މުޖުތަމަޢާއި ދައުލަތުގެ ފަރާތުން ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ލިބެންޖެހޭކަން އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއާ ޙަވާލާދީ އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ކުށުގެ ޝިކާރައަކަށްވާ ކުދިންނާއި ކުށުގެ ތުހުމަތުކުރެވޭ ކުދިންގެ އިތުރުން ރައްކާތެރިކަން ބޭނުންވާ އެއްވެސް ކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެ މަޢުލޫމާތެއް ހާމަކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. މީގެ ތެރޭގައި ކުއްޖާގެ ނަމާއި އެޑްރެސް އަދި ތަޢުލީމު ޙާޞިލުކުރާ ތަން ފަދަ، ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އެ ކުއްޖަކީ ކާކުކަން އެނގޭނެ އެއްވެސް މަޢުލޫމާތެއް ނުވަތަ ފޮޓޯއެއް އާންމުކުރުން ހިމެނެއެވެ.
މީގެއިތުރުން، އާންމުން ދެކޭ ގޮތަށް ނުފޫޒު ފޯރުވުމަށް ނުވަތަ އެހެން އެއްވެސް ބޭނުމަކަށްޓަކައި ވިޔަސް މީޑިއާގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މަޢުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުން ކަމަށް ވުޒާރާއިން ބުންޏެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއަކަށްވާތީ، މިފަދަ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކުން އާންމުނުކުރުމަށް އެ ވުޒާރާއިން ވަނީ ހަރުކަށިކޮށް އަންގާފައެވެ.



