ށ. ޅައިމަގަށް މިއަދު އެރި ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ ބައެއް ގެތަކަށާއި ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި ޅައިމަގުގެ ހަތަރު ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި ވައިގެ ތެރެއަށް ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އެ މީހާއަށް ފަރުވާ ދީފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ރަށަށް ލިބުނު ޖުމްލަ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވަނިކޮށެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާންމު ހުރިހާ ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



