ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް ޖެނެރަލް ބަދޫރާ ސައީދު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ޖިއްދާގެ ކޮންސުލް ޖެނެރަލްގެ މަގާމަށް ބަދޫރާ ސައީދު އައްޔަންކުރެއްވުމާ ގުޅިގެން ވަޒީރު ވަނީ މަރުހަބާ ވިދާޅުވެ، އެކަމަނާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ޚާރިޖީ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ޝުޖާއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ސައުދީ އަރަބިއްޔާއަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދާ ދިވެހި ހައްޖުވެރިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން، އެ ގައުމުގައި އުޅޭ މުއްދަތުގައި އެހީތެރިކަން ބޭނުންވާ ދިވެހިންނަށް ދިމާވާ ކަންކަމުގައި އަވަސް ހައްލެއް ހޯދައިދިނުމަށާއި، މިނިސްޓްރީއާއި ޖިއްދާގެ ކޮންސިއުލޭޓާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ސައުދީ އަރަބިއްޔާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ތައުލީމީ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދިވެހި އިމާމުންނާއި ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުސަތުތަކާއި ކުރު މުއްދަތުގެ ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހޯދައިދިނުމުގައި ކޮންސިއުލޭޓްގެ އެހީތެރިކަމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
މި ތަމްރީނުތަކުގެ މައިގަނޑު މަގުސަދަކީ ދިވެހި އިމާމުންނާއި ދަރިވަރުންގެ އިލްމީ ގާބިލުކަން އިތުރުކޮށް، އަރަބި ބަހުގެ ހުނަރު ތަރައްގީކުރުމާއި، އިސްލާމީ އިލްމުގެ ދާއިރާއިން ފަންނީ ހުނަރުތައް އިތުރަށް މުއްސަނދިކުރުމެވެ.



