ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ ޕާޓީ ޑްރަގްސް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަންގައި ޖުމްލަ 3.1 ކިލޯގެ ސިންތެޓިކް ކެތިނޯން ވަނީ އަތުލައިގެންފައެވެ. މީގެ ތެރޭގައި ހިމެނެނީ ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 2.1 ކިލޯގެ މަސްތުވާތަކެއްޗާއި، ކޫރިއާ މެދުވެރިކޮށް ގެނައި އެއް ކިލޯގެ މަސްތުވާތަކެއްޗެވެ. މި ބާވަތަކީ އާންމުކޮށް ޕާޓީ ޑްރަގްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ބާވަތެކެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް ގެނައި ޕާރުސަލްތަކާއި ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިގެން ހިންގި ޚާއްސަ ފާސްކުރުމެއްގައެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި، ވައިގެ މަގުންނާއި ކަނޑުމަގުން އަދި ޕޯސްޓާއި ކޫރިއާ ޚިދުމަތްތައް މެދުވެރިކޮށް އަންނަ ތަކެތި ފާސްކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަންނަނީ ވަރުގަދަކުރަމުންނެވެ.



