އަންނަ 2027 ވަނަ އަހަރު ފުލުހުންގެ ހިދުމަތުގައި އިސްކަންދޭނެ ދާއިރާތަކާއި އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ “އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026” މިއަދު ފަށައިފިއެވެ.
މި ނޮވެމްބަރު މަހުގެ 8 އިން 10 އަށް އިސްކަންދަރު ކޮށީގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސަކީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ލީގަލް ސާވިސަސް (އެސްޕީއެލްއެސް) ގުޅިގެން އިންތިޒާމުކުރާ ބައްދަލުވުމެކެވެ.
މި ކޮންފަރެންސަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދިރާސާތަކާއި ތަޖުރިބާގެ އަލީގައި ހޯދިފައިވާ މައުލޫމާތުތައް އަމަލީ މަސައްކަތަކަށް ބަދަލުކުރުމެވެ.
ކޮންފަރެންސްގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާ މިންވަރާއި، އަލަށް ކުރިމަތިވަމުން އަންނަ ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. އަދި ދިރާސާތަކުން ފާހަގަކުރެވޭ ކަންކަމަށް ރިއާޔަތްކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭނަށް އިސްކަންދޭނެ ކަންކަން ކަނޑައަޅައި، ލަނޑުދަންޑިތަކާއި ޒިންމާތައް ތަރުތީބުކުރާނެއެވެ.



