މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަނިކޮށް ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި “ދެރަހަ” ބޯޓުން ހާލުގައި ޖެހުނު 10 ފަޅުވެރިން، އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. ބޯޓު ފަރަށް އެރި ވަގުތު އޭގައި ހަތަރު ދިވެހިންނާއި ހަ ބިދޭސީން ހިމެނޭހެން ޖުމްލަ 10 ފަޅުވެރިން ތިއްބެވެ.
ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، ރޭ ދަންވަރު 1:05 ހާއިރު އޭގެ ތެރެއިން ހަތް ފަޅުވެރިއަކު ވަނީ ކޯސްޓްގާޑުގެ ހާބާ ކްރާފްޓަށް ނަގާފައެވެ. އަދި ބޯޓު ފަރަށް އެރުމާއެކު ޑިންގީއެއްގައި ފެންފުއްޓާއަށް އެރި އަނެއް ތިން ފަޅުވެރިން، ދަންވަރު 2:10 ހާއިރު ވަނީ ސިފައިންގެ އެހީތެރިކަމާއެކު ހާބާ ކްރާފްޓަށް ނަގައި ރައްކާތެރިކަން ފޯރުކޮށްދީފައެވެ.
ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި، ބޯޓުގެ ވެރިފަރާތުން ފޮނުވި “ސްވިފްޓް” ނަމަކަށް ކިޔާ ދޯނި ފަތިހު 4:22 ހާއިރު އެ ސަރަހައްދަށް އައުމުން، ކޯސްޓްގާޑުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ ބޯޓުގެ ވެރިފަރާތާ ގުޅިގެން “ދެރަހަ” ބޯޓު ފުންކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ކޯސްޓްގާޑުން މިހާރުވެސް ދެމުން އަންނަ ކަމަށެވެ.



