ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި، 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ.
ޑާކާގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވަރުގަދަކޮށް ފަށައި، ފުރަތަމަ 10 މިނެޓުގެ ތެރޭގައި ޕާކިސްތާނުން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑު ކާމިޔާބުކުރީ މިކިއާލް އަރޫން އަބްދުﷲ އެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން، ރާއްޖޭގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނަޖީބުﷲ ވަނީ ޕާކިސްތާނުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އެއަށްފަހު މޫޖީބުﷲ ޖެހި ލަނޑާއެކު އެ ޓީމުން ވަނީ ފަރަގު ބޮޑުކޮށްފައެވެ.
ފުރަތަމަ ހާފުގައި ރާއްޖެއަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، ދެވަނަ ހާފަށް ގެނައި ބަދަލުތަކާއެކު ރާއްޖެއިން ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ނަމަވެސް، ޕާކިސްތާނުގެ ޑިފެންސް ފޫއަޅުވާލައި ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ރާއްޖެއަކަށް ނުވިއެވެ.
މި މޮޅާއެކު ލިބުނު 3 ޕޮއިންޓާއި ފައިދާ ދެ ގޯލާއެކު ޕާކިސްތާނުން މިހާރު ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. މުބާރާތުގައި ރާއްޖެ ދެން ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.



