މާލޭ މަގުމަތީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު 41 އަހަރުގެ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މާލޭ ހުސްނޫގޯޅީގައެވެ. އެ ގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:17 ހާއިރުއެވެ.
އެ މީހާ ވަގުތުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.



