މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ބިލަކީ އިސްލާމީ ޝަރީއަތުގެ މަތިވެރި އަސްލުތަކާއި އުސޫލުތަކާ އެއްގޮތަށް، ދެ ފަރާތުގެ ހައްގުތަކާއި އަދުލުވެރިކަން ފުރިހަމައަށް ހިމާޔަތްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ ރައީސް ވަނީ ގާނޫނުލްއުގޫބާތުގައި މަރުގެ އަދަބު ކަނޑައެޅިފައި އޮތް ނަމަވެސް، އަދި ޝަރުއީ ކޯޓުތަކުގެ ތިން މަރުހަލާ ނިމި މަރުގެ އަދަބު ދޭންޖެހޭކަން ސާބިތުވެފައިވާ މީހުން ތިބި ނަމަވެސް، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އެ އަދަބު ތަންފީޒުކޮށްފައި ނުވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، އިސްލާމީ ދައުލަތެއްގެ ވެރިއަކަށް ޝަރުއީ އެފަދަ ހުކުމެއް ހިފެހެއްޓުމުގެ އިޚްތިޔާރު ނޯންނާނެތީ، މި ސަރުކާރުގެ ސިޔާސަތަކީ ގާނޫނާ އެއްގޮތަށް ގިސާސް ތަންފީޒުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބިލުގައި މައިގަނޑު ދެ ބައެއް ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ ގަސްދުގައި މީހުން މެރުމުގެ ކުށުގައި ގިސާސް ހިފުމުގެ އުސޫލުތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ގާނޫނުގެ ދަށުން މަރުގެ އަދަބު ކަނޑައެޅޭ މީހުންގެ މައްޗަށް އެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތައް ކަމަށެވެ.
ގިސާސް ހިފުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން ގިސާސް ހިފުމަކީ އިންސާނީ ފުރާނަތައް ރައްކާތެރިކޮށްދޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޮޑެތި ޖަރީމާތަކަށް އަރައިގަތުމަށް މީހުން ޖެހިލުންވެ، މުޖުތަމައުގައި އަމާންކަމާއި ފަރުދީ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިކަމާ ދެކޮޅު ހަދާނެ ބަޔަކު ތިބި ނަމަވެސް ބިލު އެކުލަވާލާފައިވަނީ ކޯޓުގެ ތިން މަރުހަލާ ފުރިހަމަވުމަށްފަހު ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތުތައް ބަޔާންކޮށް، އެންމެ ފަހު ވަގުތާ ހަމައަށްވެސް މަރުވި މީހާގެ ވާރުތަވެރިންނަށް މައާފުކުރުމުގެ ފުރުސަތު ފުރިހަމައަށް ލިބިދޭ ގޮތަށެވެ.



