ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ނޫވިލު ސީޕްލޭން ޓާމިނަލް ސަރަހައްދުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ދިޔަވެ ހިނގި ހާދިސާ، މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އިން ތަހުގީގުކުރަން ފަށައިފިއެވެ.
އެމްޓީއެސްބީން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ މެންދުރު ނޫވިލު ސީޕްލޭން ޓާމިނަލުން ފުރަން އުޅުމުގެ ތެރޭގައި ހިނގި މި ހާދިސާގައި ބޯޓުގެ އެޓެންޑަންޓަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް، ބޯޓުގައި ތިބި އެހެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެ ބޯޑުން ބުނެފައިވެއެވެ. މީގެއިތުރުން ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ކަށަވަރުވަމުންދާ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށްވެސް އެ ބޯޑުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ފުރަން ތައްޔާރުވަމުން ދަނިކޮށް އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކުއްލިއަކަށް ބޯޓުގެ ދުވެލި ބާރުވެ، އެއްފަޅިއަކަށް ބަރުވެގެން ކަނދު ބިންދައިގެން ދިއުމުންނެވެ. އެ ވަގުތު ކަނދުމަތީގައި ހުރި ކެބިން ކްރޫ، ބޯޓާއި ކަނދާ ދެމެދު ފިތި ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް މިހާރު ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނެފައިވަނީ މި ހާދިސާ ހިނގީ ސީޕްލޭން ޓެކްސީ ކުރަމުން ދަނިކޮށް ކަމަށާއި، ހާދިސާއާ ގުޅިގެން އެ ކުންފުނީގެ އެމަޖެންސީ ސާވިސަސްއިން ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. މީސްމީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި ހާދިސާ ހިނގުމާއެކު، ބޯޓުގެ ބައެއް ފެނުއަޑީގައި އޮއްވައި ވަނީ ލައިފް ރިންގު ބޭނުންކޮށްގެން ފަސިންޖަރުން ވަގުތުން ރައްކާތެރިކަމާއެކު ބާލާފައެވެ.



