މުޖުތަމަޢުގެ ބަދަހިކަން އިތުރުކޮށް، އެކަކު އަނެކަކަށް ޤަދަރާއި އިޙުތިރާމް ކުރުމުގެ ރިވެތި ސިފަ ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ “އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި މަޝްރޫޢު ފެށުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މޮނިއުމެންޓެއްގެ މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވައިދެއްވައިގެން ރައީސުލްޖުމްހޫރިއްޔާ މި ކެމްޕެއިން ފައްޓަވައިދެއްވި އިރު، ދަޢުލަތުގެ އެކި ވުޒާރާތަކާއި، ސަރުކާރު ކުންފުނިތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ސްކޫލުތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ކެމްޕެއިނަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމީ ސިފަތައް ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން، ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިޙުތިރާމް ކުރުމުގެ އަޚްލާޤީ ސިފަ އަށަގެންނެވުމަށް އިސްނަންގަވައިގެން ފެއްޓެވި ހަރަކާތެކެވެ. ދިވެހި ބަހާއި، ޤައުމިއްޔަތާއި، ތާރީޚާއި ސަޤާފީ ކަންކަން ދިރުވައި އާލާކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ދިވެހި މުޖުތަމަޢުގައި ކުރިން އޮތް އެކަކު އަނެކަކަށް ކަމޭހިތުމާއި އަޅާލުމުގެ އާދަ އަލުން ދިރުވުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.



