މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށް އިގުތިސާދު ފުޅާކުރުމަށް ތިލަފުށީގައި ތަރައްގީކުރާ އައު ޕޯޓުގެ ފުރަތަމަ ފިޔަވަހި ނިންމައި، އަންނަ އަހަރުގެ ނޮވެމްބަރު މަހު ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ਹުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލޭގެ ކޮމާޝަލް ޕޯޓުގައި އޮތް ތޮއްޖެހުން ހައްލުކުރުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުން އެ ތަނުގެ ޖާގަ މިހާރުގެ ބަނދަރަށްވުރެ ހަ ގުނަ ތަނަވަސްވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއަށާއި މުޅި އިގުތިސާދަށް ބޮޑު ދިރުމެއް ލިބި، މުދާ އެތެރެކުރުމާއި ދައުރުކުރުމުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިލަފުށީ ޕޯޓު މަޝްރޫއަކީ އިގުތިސާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ވިދާޅުވަމުން ރައީސް ވަނީ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަންނަ އަހަރުގެ ނޮވެމްބަރު މަހު ފުރަތަމަ ފިޔަވަހީގެ ހިދުމަތް ރަސްމީކޮށް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން، އިގުތިސާދީ ދާއިރާ ކުރިއެރުވުމަށް މިހާތަނަށް ސަރުކާރުން ނިންމާފައިވާ މުހިންމު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން، ވެރިކަމާ ހަވާލުވިއިރު ދެބައިކުޅަ އެއްބައި މަސައްކަތް ނިމިފައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި މިހާރު ހިދުމަތް ދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ހުއްޓިފައި އޮތް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައް ވެސް ނިންމައި، އެ ތަނުން ވެސް ކާމިޔާބުކަމާއެކު ހިދުމަތް ދޭން ފަށާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.



