ތ. ދިޔަމިގިލީ ސްކޫލުގައި 10 ކްލާސްރޫމް ހިމެނޭހެން އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ) އިން އިމާރާތްކުރަން ފެށި ތިން ބުރީގެ އާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި އަހަރުގެ މާރިޗު 31 ގައި އަމަލީ މަސައްކަތް ފެށި މި އިމާރާތް އެއްކޮށް ނިންމާލެވުނީ ޖުމްލަ 235 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން، ކުރިން ހަދާފައި ހުރި އިމާރާތުގެ އޮނިގަނޑަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް، އިތުރު ކޮލަމްތައް ޖަހައިގެން ސްޓްރަކްޗާ ވަރުގަދަކުރުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައެވެ. އަދި ކޮންކްރީޓާއި ރޭނުމާއި ސިމެންތި ޖެހުމުގެ އިތުރުން ސާވާ ރެކާއި، ޕީއޭ ސިސްޓަމް، އަލިފާން ނިއްވާ ފުޅި އަދި ސްކޫލު ނަންބޯޑު ހަރުކުރުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ.
މި އިމާރާތް އެޅުމުގެ އަމަލީ މަސައްކަތުގައި އެމްއެންޑީއެފް ސާވިސް ކޯގެ ސިގްނަލްސް އާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް (އީއެމްއީ) އަދި ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެއިތުރުން، މި މަސައްކަތް ކުރިއަށްދިޔައިރު ދިޔަމިގިލީގެ ރައްޔިތުންގެ ފަރާތުން ސިފައިންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށާއި، ބައެއް އަމަލީ މަސައްކަތްތަކުގައި އެ ރަށުގެ ރައްޔިތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.



