ރާއްޖޭގެ އެކި ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ހައްލުކޮށްދެއްވައި، ވަޒީފާގެ މާހައުލުގައި އިންސާފާއި ދެފުށް ފެންނަ އުސޫލުތައް ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ އާންމުންގެ ޝަކުވާތަކާއި ހިޔާލުތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ކުރިއަށްގެންދާ “ރައްޔިތުންގެ އަޑު” ޕްރޮގްރާމުގައި، ނަރުހަކު ފާޅުކުރި ކަންބޮޑުވުންތަކަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ސިއްހީ ބައެއް މަރުކަޒުތަކުގެ އިސްވެރިންގެ ގޮތުގައި ނަރުހުން ނޫން ފަރާތްތައް ތިބުމުން، ނަރުހުންގެ ފަންނީ މަސައްކަތްތައް ދެނެގަތުމަށާއި ޒިންމާތައް ކަނޑައެޅުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށާއި، ބޮޑެތި ހޮސްޕިޓަލްތަކުގައި ވެސް މިފަދަ މައްސަލަތައް ހުރުމުން މުވައްޒަފުންގެ ޝަކުވާތައް އިންސާފުވެރިކަމާއެކު ބެލޭނެ ހަރުދަނާ ނިޒާމެއް ބޭނުންވާކަން އޭނާ ފާހަގަކުރިއެވެ.
މިކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، ނަރުހުންނަކީ މުޖުތަމައަށް އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދޭ ބަޔަކަށް ވާތީ މި ކަންބޮޑުވުންތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށެވެ. އަދި މުވައްޒަފުންގެ އަޑުއަހައި، ކަންކަމަށް ޒިންމާދާރުކަމާއެކު ޖަވާބުދާރީވެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް މިހާރަށްވުރެ ގާތުން ބައްލަވައިގެން ހައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.



