ރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ބާވަތެއްގެ ދޫންޏެއް މ. މުލިން ފެނި، އެކަން ރަސްމީކޮށް ރެކޯޑްކޮށްފި އެވެ. މި ދޫންޏަކީ “ރުފަސް-ޓެއިލްޑް ރޮކް ތުރަޝް” (Rufous-tailed Rock Thrush) ކަން ކަށަވަރުކޮށް، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިހާރު ވަނީ މިކަމާ ގުޅޭ ރިޕޯޓެއް އާންމުކޮށްފަ އެވެ.
އީއާރުއޭގެ ޓީމަކުން މ. އަތޮޅުގައި ހިންގި އިކޮލޮޖިކަލް ސާވޭއެއްގެ ތެރެއިން މި ބާވަތުގެ ދެ ދޫނި ފެނުނީ މުލީގެ ދަނޑުވެރިކަން ކުރާ ސަރަހައްދެއްގެ ކައިރިންނެވެ. މި ދޫނީގެ ފޮޓޯތައް ނަގައި، އިންޑިއާގެ ދޫނިތަކާ ބެހޭ ފޮތްތަކާއި ދުނިޔޭގެ ޗެކްލިސްޓްތައް ކަމަށްވާ “އީބާޑް” އަދި “އޭވިބޭސް” މެދުވެރިކޮށް ބެލިއިރު، މިއީ ރާއްޖެއިން މި ބާވަތުގެ ދޫންޏެއް ރެކޯޑްކުރެވުނު ފުރަތަމަ ފަހަރުކަން ވަނީ ކަށަވަރުވެފަ އެވެ. ދިވެހި ބަހުން މި ދޫންޏަށް ކިޔާނެ ވަކި ހާއްސަ ނަމެއް އަދި ހަމަޖެހިފައެއް ނުވެ އެވެ.
އާންމުކޮށް ޔޫރަޕާއި އޭޝިއާ އަދި އެފްރިކާގެ ފަރުބަދަމަތީ އުސް ސަރަހައްދުތަކުގައި އުޅޭ މި ދޫނި ރާއްޖެ ފަދަ ޖަޒީރާ ގައުމަކުން ފެނުމަކީ ވަރަށް ނާދިރު، ހާއްސަ ކަމެކެވެ. މިއީ “މިއުސިކަޕިޑޭ” އާއިލާއަށް ނިސްބަތްވާ، ބިންމަތީގައި އުޅޭ ކުޑަ ދޫންޏެކެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ނުވަތަ މިސްރާބު އޮޅިގެން މިފަދަ ދޫނިތައް ދަތުރުކުރާ މަގުން ބޭރުވާކަން ފާހަގަކޮށް، އީއާރުއޭ އިން ވަނީ ދޫނި ހިޖުރަކުރާ ދުވަސްވަރު ރަށްރަށުގައި މިފަދަ މޮނިޓަރިން މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަން ހާމަކޮށްފަ އެވެ.



