މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިސްނަގައިގެން ހއ. ދިއްދޫ އަދި ހއ. ބާރަށުގައި ގިނަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ދެ ރަށުގައި މި ހަރަކާތްތައް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔައީ 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޤައުމަށްޓަކައި ޝަހީދުވި ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދު އަދި ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
މި މުނާސަބަތާ ގުޅިގެން ދިއްދޫގައި ނޮވެންބަރު 13 އަދި 14 ވަނަ ދުވަހު އަދި ބާރަށުގައި ނޮވެންބަރު 20 އަދި 21 ވަނަ ދުވަހު ސިފައިންގެ ފޮޓޯ މައުރަޒު ވަނީ ބާއްވާފައެވެ. މި މައުރަޒުގައި ނޮވެންބަރު 3 ގެ ހާދިސާ ހިނގައިދިޔަ ގޮތް ވަގުތު ފީތާއެއްގެ ސިފައިގައި ދައްކުވައިދޭ ތާރީޚީ ލިޔުންތަކާއި ފޮޓޯތަކުގެ އިތުރުން އަޑާއި މަންޒަރު ހިމެނޭ ތަފާތު ހުށަހެޅުންތައް އާންމުންނަށް ދައްކާލާފައިވެއެވެ.
މީގެއިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ‘ނޫރައްދީން’ އުޅަނދަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ދެ ރަށުގެ ރައްޔިތުންނަށް ހުޅުވާލައި، ކަނޑުމަތީގެ ސަލާމަތާ ގުޅޭ މަޢުލޫމާތާއި ކޯސްޓްގާޑުގެ މަސައްކަތްތައް ވަނީ ދައްކާލާފައެވެ. އަދި ނޮދަން އޭރިއާ ކޮމާންޑްގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 6 އިން ވަނީ ދުޝްމަނުންގެ ބަންކަރެއް ނައްތާލައި، ހަތިޔާރު ގުދަން ގޮއްވާލާ މަންޒަރު ދައްކުވައިދޭ އަސްކަރީ ހުށަހެޅުމެއް (މިލިޓަރީ ޑިސްޕްލޭ) ވެސް ހުށަހަޅައިދީފައެވެ.
ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިޔަ ޢާއިލީ ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަ ތަފާތު ކުޅިވަރުތަކާއި ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ސިފައިންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ޤައުމީ ރޫޙު އާލާކޮށް ޝަހީދުންގެ ޤުރުބާނީގެ ހަނދާން އާކުރުމެވެ. މި ހަރަކާތްތަކަށް ދެ ރަށުގެ ރައްޔިތުންނާއި ކުޑަކުދިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.



