އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވި މައްސަލައިގެ ތަޙުޤީޤު ނިންމައި، އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މިދިޔަ ޖުލައި 16 ވަނަ ދުވަހު ހުށަހެޅި މި މައްސަލައިގެ ތަޙުޤީޤު ނިންމައި، ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި އަސްކޮއެ ޓްރެވަލްސް މެދުވެރިކޮށް އުމްރާއަށް ދިއުމަށް 109 މީހަކު ފައިސާ ދައްކާފައިވެއެވެ. އަދި މި މީހުން ދެއްކި ފައިސާއަށް އެ ކުންފުނިން ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާގެ ޖުމްލަ ޢަދަދު 2,660,300 (ދެ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ) ރުފިޔާއަށް އަރައެވެ.



