ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރުގެ މަޤާމަށް، އެ ޤައުމުގެ ކަނޑުގެ ސިފައިންގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ވައިސް އެޑްމިރަލް (ރިޓަޔަޑް) އުވައިސް އަޙްމަދު ބިލްގްރާމީ ހަމަޖައްސަވައިފިއެވެ. މިއީ މި މަޤާމަށް ވިދިވިދިގެން ޕާކިސްތާނު ނޭވީގެ ރިޓަޔަޑް ވައިސް އެޑްމިރަލަކު އައްޔަންކުރެއްވި ދެވަނަ ފަހަރެވެ. މި މަޤާމުގައި ކުރިން ހުންނެވި ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސޫލް ލޯދީގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ޙަވާލުވެވަޑައިގަތުމުގެ ކުރިން، އާ ސަފީރު ވަނީ އެ ޤައުމުގެ ރިޔާސީ ގަނޑުވަރުގައި ރައީސް އާޞިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޒަރްދާރީ ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބަދަލުކުރެވުނު 20 ފަހުމުނާމާގެ ދަށުން، އިޤްތިޞާދީ، ތަޢުލީމީ، ޞިއްޙީ އަދި ދިފާޢީ ދާއިރާއިން ޢަމަލީ ނަތީޖާ ފެންނާނެހެން މަސައްކަތްތައް ބައްޓަންކުރުމަށް ރައީސް ޒަރްދާރީ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން “ޖޮއިންޓް ވޯކިން ގްރޫޕް އޮން ޑިފެންސް އެންޑް ސެކިއުރިޓީ ކޯޕަރޭޝަން” އަވަހަށް ޤާއިމުކުރުމަށާއި، ދިވެހި ދަރިވަރުންނަށް ލިބޭ ސްކޮލަޝިޕް ފުރުޞަތުތައް ފުޅާކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
އާ ސަފީރު ބިލްގްރާމީ ވަނީ ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވިފައިވާ ކަންކަން ފުރިހަމައަށް ތަންފީޒުކޮށް، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.



