ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ރިޕޯޓަށް ބައެއް މެންބަރުންގެ ފަރާތުން 23 އިޞްލާޙެއް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ މާލިއްޔަތު އަދި އިޤްތިޞާދީ ކޮމިޓީ ގުޅިގެން ދިރާސާކުރި ބަޖެޓު ކޮމިޓީން، ސަރުކާރުން ފޮނުވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ރިޕޯޓު މިއަދު ވަނީ ތަޅުމަށް ހުށަހަޅާ ބަހުސް ފަށާފައެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މުޅި ބަޖެޓަށް ވޯޓަށް އެހުމުގެ ކުރިން މެންބަރުން ހުށަހެޅުއްވި އިޞްލާޙުތަކަށް ވަކިވަކިން ވޯޓަށް އަހާނެ ކަމަށެވެ.
ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެފައިވަނީ މި ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ 70 އިންސައްތަ އަންނަ އަހަރު ނިންމާލެވޭނެ ގޮތަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ. މިއީ މި އަހަރުގެ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 7 އިންސައްތަ ކުޑަ އަދަދެކެވެ.
ބަޖެޓުގެ މުހިންމު ބައެއް އަންދާޒާތައް:
އާމްދަނީ: ޖުމްލަ 43.1 ބިލިއަން ރުފިޔާ (ޓެކުހުން 33.6 ބިލިއަން، ޓެކްސް ނޫން ގޮތްގޮތުން 9.1 ބިލިއަން އަދި ހިލޭ އެހީގެ ގޮތުގައި 349.3 މިލިއަން ރުފިޔާ).
ޚަރަދު: ޖުމްލަ 52.6 ބިލިއަން ރުފިޔާ (ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން، ކެޕިޓަލް ޚަރަދަށް 9.8 ބިލިއަން އަދި އެހެނިހެން ހޭދައަށް 7.1 ބިލިއަން ރުފިޔާ).
ޑެފިސިޓް އަދި ފައިނޭންސްކުރުން: ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. އެތެރޭގެ ދަރަނި ކުޑަކުރުމަށް އިސްކަންދީ، އެތެރޭގެ މާކެޓުން 11.9 ބިލިއަން އަދި ބޭރުން 6.9 ބިލިއަން ރުފިޔާ ހޯދަން ވަނީ ހިމަނާފައެވެ.



