ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ބާއްވާ “ގްލޯބަލް ޗިލްޑްރަންސް އެންވަޔަރަންމަންޓަލް ހެލްތު ކޮންފަރެންސް” ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މިއީ “ޗިލްޑްރަންސް އެންވަޔަރަންމަންޓަލް ހެލްތު ކޮލެބޮރޭޓިވް” އިސްނަގައިގެން މީހުން ހާޒިރުވެގެން ބާއްވާ މިފަދަ ފުރަތަމަ ބައިނަލްއަގުވާމީ ބައްދަލުވުމެވެ.
ޔުނިސެފާއި ގުޅުންހުރި ބައިވެރިން ގުޅިގެން އިންތިޒާމުކުރާ މި ކޮންފަރެންސްގައި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތައް އަދި ތައުލީމީ ދާއިރާގެ އިސްވެރިން ބައިވެރިވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ތިމާވެށި ތަޣައްޔަރުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ގައުމުތަކުގެ ތަޖުރިބާ ހިއްސާކޮށް، ގުޅިގެން ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމެވެ.
މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރައްވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު އަހްމަދު ނާސިރެވެ.
މި ބައްދަލުވުމުގެ ތެރެއިން ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި ޕީއެސް އަޖުވަދު މުސްތަފާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި މަޝްވަރާގައި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން އެކުލަވާލާފައިވާ “ނެޝަނަލް އެޑެޕްޓޭޝަން ޕްލޭން” (އެންއޭޕީ) އަދި “ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް” (އެންޑީސީ) ގައި ކުޑަކުދިންގެ ސިއްހަތާ ގުޅޭ ކަންކަން ހިމަނައިގެން ކުރިއަށްގެންދިޔަ ތަޖުރިބާތައް ހިއްސާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.



