ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޑރ. ޝަމްހީދު ވަނީ ހުޅުމާލޭގައި ފެންވަރު ރަނގަޅު ސަރުކާރު ހޮސްޕިޓަލެއް ނެތުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، މިހާރު އެ އަވަށުގައި ހިންގާ އަމިއްލަ ހޮސްޕިޓަލުގެ އަގުތައް އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވައި، އައު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްޙީ ދާއިރާއަށް ދެއްވާ އަހައްމިއްޔަތުކަމުގެ ތެރެއިން، މި މަޝްރޫޢަށް އިކޮނޮމިކް ކައުންސިލުން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. އަދި ބިން ހަމަޖެހުމާއެކު، ހޮސްޕިޓަލުގެ ޓެކްނިކަލް ރިކުއާމަންޓްސް ކަނޑައެޅުމާއި، ލިބޭނެ ޚިދުމަތްތައް ޕްލޭންކުރުމާއި، އިންޖިނިއަރިންގ ފަރުމާތައް އެކުލަވާލުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެންމެ ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރާ މި ހޮސްޕިޓަލުގައި އަންހެނުންނާއި ކުޑަކުދިންގެ ޚާއްޞަ ފަރުވާތަކާއި، ކެންސަރު ބަލީގެ ފަރުވާގެ އިތުރުން ސުޕަރ ސްޕެޝަލިޓީ ގިނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެއެވެ. ސަރުކާރުން ޤަބޫލުކުރާ ގޮތުގައި މި މަޝްރޫޢު ނިމުމުން، ހުޅުމާލޭގެ އިތުރުން މުޅި މާލެ ސަރަޙައްދުގެ ސިއްޙީ ނިޒާމަށް ބޮޑު ލުޔެއް ލިބި، އެކަށީގެންވާ އަގުތަކެއްގައި ފެންވަރު ރަނގަޅު ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ.



