މާލެ އަދި ވިލިމާލޭގެ އާންމު ސަރަޙައްދުތަކާއި ތަކުން ކުނި ނެގުމުގެ މަސައްކައްތައް ހަރުދަނާ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން މިއަދު ހުޅުވައިފިއެވެ.
މިއަދު ހެނދުނު މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ.


ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިދެއްވުމަށްފަހު މޭޔަރު މުޢިއްޒު ވިދާޅުވީ މިއަދު މިހުޅުވުނު އޮފީހަކީ މާލެ ސިޓީ ކައުންސިލުން މާލެތެރެ ކުނިކަހާ އަދި ކުނިނަގާ ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި ހަވާލުވެ އެމަސައްކަތާއިގުޅޭ އިދާރީ ކަންކަން ކުރިއަށްގެންދިއުމަށް ޖާގަ ނެތުމާއިއެކީގައި ޖާގަ ހަމަޖެއްސުމަށްޓަކައި ކުރެވުނު މަސައްކަތުގެތެރެއިން ހުޅުވުނު އޮފީހެއްކަމަށެވެ.
މޭޔަރު ވިދާޅުވީ އެންމެފަހުން މާލޭ މުނިސިޕަލްޓީގައި މާލޭގައި ވޭސްޓް މެނޭޖްމެންޓް މަސައްކަތް ކުރިއަށްގެންގޮސް އެތައް އަހަރުތަކަކަށްފަހު މިހާރު އަނެއްކާވެސް މި މަސައްކަތް ފެށިފައިވާކަމަށެވެ.
މޭޔަރު ވިދާޅުވީ މިއީ މާލެ ސިޓީގެ ރައްޔިތުންނާއި ގާތުން ރައްޔިތުން އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންގެ ބެލުމުގެ ދަށުން މާލެތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާގޮތެއްގައި ގެންދިއުމަށް އެޅުނު ވަރަށްބޮޑު ފިޔަވަޅެއްކަމަށެވެ. އަދި މި އޮފީސް ހުޅުވިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވަނީ ކުރިއަށް މިއޮތް ދެތިން ހަފްތާގެތެރޭގައި އިތުރު ފިޔަވަޅުތައް އެޅި މާލެތެރެ ސާފުކުރުން ހަރުދަނާ ކުރުން އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ވޭސްޓްމެނޭޖްމަންޓް ސެކުޝަނުގައި މިވަގުތު މަސައްކަތް ކުރަނީ 225 މުވައްޒަފުން ކަމަށްވެސް ސިޓީކައުންސިލުން ހާމަކުރެއެވެ.
މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުންނާނީ މާލެ ސިޓީގެ ޢާއްމު ޚިދުމަތް ތަކާއިބެހޭބައިގައެވެ.



