މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ހަކަތައާއި، ފެނާއި ނަރުދަމާގެ އިތުރުން ތިމާވެއްޓާ ރައްޓެހި ބޯހިޔާވަހިކަމުގެ ދާއިރާއަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިކުރުމަށްޓަކައި ދޭ ހާއްސަ ހިލޭ އެހީއަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
މި އެހީ ރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ ކޮޕް29 ގެ ރިޔާސަތާއި ކޮމަންވެލްތު ފަންޑު ފޮރ ސިޑްސް ގުޅިގެންނެވެ. އަދި މިކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ތިމާވެށީގެ ބައިނަލްއަގުވާމީ ސަމިޓުގެ ހަވާސާގައި ބޭއްވި “މޮބިލައިޒިންގ ގްރީން އެންޑް ބްލޫ އިންވެސްޓްމަންޓް ފޮރ ސިޑްސް” މަތީ ފެންވަރުގެ ބައްދަލުވުމުގައެވެ.
މި އެހީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރަށްރަށުގައި މޫސުމީ ބަދަލުތަކަށް ފެތޭނޭހެން އަސާސީ ޔުޓިލިޓީ ހިދުމަތްތައް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ޝައުގުވެރިކުރުވައި، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު އަބްދުﷲ ވިދާޅުވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ދައުލަތުގެ ބަޖެޓުގެ އިތުރުން އަމިއްލަ ފަރާތްތަކުގެ މާލީ އެހީތެރިކަން ހޯދުން ވަރަށް މުހިންމު ކަމަށެވެ.



