“ހަސަން ކުރުސީ” ގެ ނަމުގައި ޓުވިޓަރ އެކައުންޓް ހިންގާ ފަރާތަށް ފިޔަވަޅު ނާލާ ބަލަން ތިބުމަކީ ސަރުކާރު ފެއިލްވުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އެގޮތުން ނިޒާރު ވަނީ “ހަސަން ކުރުސީ” ގެ ނަމުގައި ޓްވިޓާ މެދުވެރިކޮށް ވިސިލްބްލޯ ކުރާ މީހާ، ހޯދައި ފިޔަވަޅު ނޭޅި އޮތުމަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފުލުސް ކޮމިޝަނާ މުހައްމަދު ހަމީދު ފޭލިވެފައިވުންކަމަށް ސިފަކުރައްވާ ޓްވީޓުތަކެއް ކުރައްވާފައެވެ.
ނަމަވެސް ފަހުން ނިޒާރު ވަނީ އެ ޓުވީޓުތައް ޑިލީޓްކުރައްވާފައެވެ.
އެ ޓްވީޓުތަކުގައި ނިޒާރު ވިދާޅުވެފައިވަނީ “ހަސަން ކުރުސީގެ ނަމުގައި ‘ވަގު’ ޓްވިޓާ ހޭންޑްލްއަކުން އައްޑޫ ސިޓީގެ ކައުންސިލް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށާއި އެކަން ކުރާ އަދި ކުރުވާ މީހަކީ “ދައްޖާލާ އެއްވަރުގެ ފިތުނަވެރިއެއް” ކަމަށެވެ.
އެގޮތުން އެ މައްސަލަ ތަހުގީގުކޮށް ދޭން ކައުންސިލުން ފުލުހުގައި އެދޭނެ ކަމަށްވެސް ނިޒާރު ވިދާޅުވެފައިވެއެވެ.