ޑުރޯން ބޭނުންކޮށްގެން އައްސޭރި ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ހެނދުނު ވަނީ ޑްރޯން ބޭނުންކޮށްގެން އައްސޭރި ޖަލަށް ކޮންޓްރެބަންޑް އެތެރެކުރަން މަސައްކަތް ކޮށްފައި ކަމަށެވެ.
ނަމަވެސް އެ ޕްލޭން ނާކާމިޔާބުކޮށް ޖަލުގެ އޮފިސަރުން ވަނީ 29 ގުރާމު މަސްތުވާތަކެތީގެ އިތުރުން 5 ސިމް ކާޑު ވެސް އަތުލައިގެންފައި ކަމަށް ސީޕީ ވިދާޅުވިއެވެ.
މިމަހުގެ 13 ވަނަ ދުވަހު ވަނީ އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި ޖަލު އޮފިސަރަކުވެސް ހައްޔަރުކޮށްފައެވެ.
އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކަށް ދިވެހި ފުލުހުންގެ ޚިދުމަތާ ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ވަނީ އެ ސާރވިސްގެ އޮފިސަރަކާއި އެކު އަތުލައިގަންފައެވެ.
އަދި މި އޮފިސަރު ހައްޔަރުކޮށް އޭނާ ވަނީ ކަރެކްޝަންސްގެ ޚިދުމަތުން ސަސްޕެންޑުކުރެވިފައި ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.



