ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަންޑާރަނައިބު ވަޑައިނުގަތުމަކީ ކަނޑު ވިއްކާލި ކަމުގެ ފުރަތަމަ ހެކި ކަމަށް ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މެމްބަރު ސަލީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ބަންޑާރަނައިބު މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަތުމުންނެވެ.
ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަންޑާރަނައިބު 87 މެމްބަރުން ކުރާ ސުވާލު ތަކަށް ޖަވާބުދާރީވާން ވަޑައިނުގަތުމަކީ ކަނޑު ވިއްކާލި ކަމުގެ ފުރަތަމަ ހެކި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބު އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންފައިވާތީ އުފެދުނު ޚިޔާލުތަފާތުވުންތަކާއި ގުޅިގެން، ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދު ނިންމަވާފައެވެ.
ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރާއްޖެއާއި މޮރީޝަސްއާއި ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ. މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނެވެ.