ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދަވަން މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ މިވަގުތު ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިރޭ ބޭއްވި އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން ނެގި ވޯޓްގައި އެޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ވޯޓް ދިނީ ދެމެންބަރުން ކަމަށާއި، ދެމެންބަރަކު ވޯޓް ދިނީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށެވެ.
ފުވާދު ވިދާޅުވީ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވި ދެމެންބަރުން ވިދާޅުވާ ގޮތުގައި ފޯމްތަކުގެ ސައްހަކަން ކަށަވަރުކޮށް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމަށް ތިން މަސްދުވަހުގެ މުހުލަތެއް އިލެކްޝަންސް ކޮމިޝަނަށް ލިބޭތީ އޭގެ ކުރިން އެހުއްދަ ދޭން ދެމެންބަރުން ބޭނުންފުޅެއް ނުވެއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި މިރޭ ނެގި ވޯޓުގައި ޕާޓީ އުފައްދަން ދެކޮޅު ހެއްދެވީ ކޮމިޝަންގެ މެމްބަރު މުޙައްމަދު އާސިފް އާއި، މެމްބަރު ޢަލީ ނަޝާތުއެވެ.



