ސިނަމާލެ ބްރިޖްގައި ސޯލާޕެނަލް ހަރުކޮށްފައި ހުރި ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާކަން ވަނީ ފާހަގަވެފައި ކަމަށެވެ. އަދި މިއަދު ހަވީރު 4 ޕެނަލް ވަނީ ވިއްސައިގެން މޫދަށް ގޮސްފައި ކަމަށް ވެސް މޭޔަރު ވިދާަޅުވިއެވެ.
“ ސޯލާ ޕެނަލް ހަރުކުރާ ފަރާތުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ޙާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި ދެކެން “ މޭޔަރު ވިދާޅުވިއެވެ.
ސޯލާޕެނަލްތައް ހަރުކުރުމާއިއެކު މީގެ ކުރިން މޭޔަރ ވަނީ އެ ރީތި ޤުދުރަތީ މަންޒަރުތައް އެކަމުގެ ސަބަބުން ގެއްލިގެންދާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ރިނިއުބަލް އެނާޖީ އަކީ މުހިންމުކަމެއް ނަމަވެސް އެކަމެއް ކުރަންވާނީ އެކަމަށް އެންމެ އެކަށީގެންވާ ގޮަތަކަށްކަމުގައިވެސް މޭޔަރ މުޢިއްޒު މީގެ ކުރިން ފާހަގަ ކުރެއްވިއެވެ.
ސަރުކާރުން ބުނެފައިވަނީ މިއީ އެކްސެލަރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ)ގެ ނަމުގައި ވޯލްޑް ބޭންކްގެ އެހީގައި ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.



