ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ވެރިކަން ނިންމުމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެމަކީ އެދޭ ގޮތް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމް އާއި ޕީއެންސީން މިއަދު ބުނެފިއެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެ، އިދިކޮޅު ޕީޕީއެމް އާއި އެމްއާރުއެމްއާ އެކަމުގައި މަޝްވަރާ ކުރަން ތިން ޕާޓީގެ އިސް ބޭފުޅުން މިހާރު ވަނީ ނިންމައިފައެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ސޯލިހްގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެކަމަކު، ރައީސް ސޯލިހްގެ ވެރިކަން ނިންމުމުގައި ޔާމީނަކީ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަށް ހަދަން ޖެހޭ ކަމަށް ބަޔާނުގައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާގުންނެވެ. އަދި އެ ކޯލިޝަނުން ރައީސް ޔާމީނަށް ޓިކެޓު އަރުވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.
“މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިކޯލިޝަންގެ ފަރާތުން މާލެއާއި އަތޮޅުތަކުގައި މިގެންދަނީ ބާރަށް ކުރިއަށް ކަމުގައިވެސް ދެންނެވީމެވެ.” ޕީޕީއެމް/ޕީއެންސީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.



