ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ހަމަ ޖައްސައިފިއެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲގެ އިރާދަފުޅާ ވާގިފުޅުން އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެކަމަށެވެ.
އަދި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ “ބެކްއަޕް” ކެނޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ކެނޑިޑޭޓެއް ހޮވުމަށް އެ ޕާޓީގެ ސެނެޓުގައި ބޭއްވުނު އިންތިޚާބުގައި އޭނާ ހޮވުމުން، އޭނާގެ ރަނިންމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އޭނާގެ ޒިންމާއެއްކަމުގައި ދެކޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭނާގެ ރަނިންގމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމަވާފައިވާކަމަށެވެ.
ސެމްބެއަކީ ޒުވާން، ތަޢުލީމީ، ޤާބިލް ޚިދްމަތްތެރިއެއްކަންވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
“އަޅުގަނޑުގެ ދުޢާއަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ “ބެކްއަޕް” އެޕްލިކޭޝަން ލާންނުޖެހުން.” ޑރ. މުއިއްޒު ވިދާޅުވިއެވެ.



