ބޮޑު ތިލަދުއްމަތީ ރައްޔިތުން ބޭސް ފަރުވާއަށް މާލެ ދާން ނުޖެހޭ ގޮތަށް، ބޮޑެތި ހުރިހާ ބައްޔަކަށް ފަރުވާ ކުރެވޭ، ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ކުޅުދުއްފުށީ ސިޓިގައި އަޅައިދެއްވާނެ ކަމަށް ޑރ މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ކުޅުދުއްފުށި ސިޓީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއީ ބަލިތަކަށް ފަރުވާ ކުރުމުގައި މާލެއަށް ބަރޯސާވެފައި އޮންނަ މިންވަރު ނިމުމަކަށް ގެނައުމަށް އެޅިގެންދާނެ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ބޭނުންވާ ސިއްޚީ ޚިދުމަތާއި ވަޒީފާ އެންމެންނަށް ކަށަވަރުކުރުމަކީ ރައީސް ޔާމީންގެ ސިޔާސަތެއް ކަމަށާއި އެކަން އެމަނިކުފާނުގެ ސަރުކާރެއްގައި ކަށަވަރު ކުރާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
އަދި ރައީސް ޔާމީން އެންމެ އިސްކަން ދެއްވާ އެއްކަމަކީ ޒުވާނުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުން ކަމަށާއި އެކަން ޑރ މުއިއްޒުގެ ސަރުކާރެއްގައި ކަށަވަރު ކުރާނެ ކަމަށް ވިދާޅުވިއެވެ.



